ޤައުމުގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ނިއުޓްރިޝަނަލް އަދި އިތުބާރުކުރެވޭ ކާބޯތަކެއްކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ގާނޫނުގެ ދަށުން ގަވާއިދުތައް އެކުލަވާލުމާއި، ބޯޑަރ ފުޑް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ޓެސްޓް ކުރުމުގެ ގައުމީ ފަންނީ ގާބިލްކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަކީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ރައްކާތެރި ކާބޯތަކެތީގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ގިނަ ބަލިތަކުން ރައްކާތެރިވެވޭނީ މުޖުތަމައުގެ ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތްކޮށް، ހަރުދަނާ ނިޒާމެއްގެ ގާއިމްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު، ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަޙުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ޙާލަތްތަކުގައި ތިބި ހުރިހާ ފަރާތެއްގެ މަތިން ރައީސްވަނީ ހަނދާންކުރައްވާފައެވެ.އަދި މިކަންކަން ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލާފައެވެ.

ރައީސް ވިދާޅުވީ ހަރުދަނާ ބަދަހި ގުޅުންތަކާއެކު ކުރެވޭ މަސައްކަތާއި، ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށްވެސް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކުރެވޭނެކަމަށެވެ.