އައްޑޫ ރައްޔިތުން ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައިވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުގައި، ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ތިން ދައުރު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައިވާ ކަމަށެވެ.

ފަލާހް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާ މި ބައި އިލެކްޝަނާ އެކު ނިމިއްޖެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުން، އިބޫ، އަންނި، ފައްޔާޒު، ޝާހިދު، އާޒިމް އަދި މުޅި އުމުރުގައި އެދާއިރާގެ މެންބަރުކަންކުރި އަސްލަމާއި ދެންވެސް އެމްޑީޕީގެ ގައުމީ މަޖިލީސް އެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީއާއި އެކު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ބުނެއުޅުނު ޔާމީން ތާއީދުކޮށްގެން ވެސް, ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށްލާފައިވާ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް އިއްޔެ ބޭއްވުނު އިންތިހާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް ކަމަށާއި، ރައީސް މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ އިންތިހާބު ސޯބެ ކާމިޔާބުކުރެއްވި އިރު ނަތީޖާ ބަދަލުކޮށްލީ މާލޭގައި ބެހެއްޓި ފޮށިތަކުންނެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ސޯބެއަށް ލިބިވަޑައިގަންނަވާފައިވަނީ 1375 ވޯޓެވެ. އެއީ 51.1 އިންސައްތައެވެ. އަހުމަދު ސައީދަށް ލިބިވަޑައިގަންނަވާފައިވަނީ 1313 ވޯޓެވެ. އެއީ 48.8 އިންސައްތަ ވޯޓެވެ.

މިއިންތިހާބު ސޯބެ ކާމިޔާބުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު މިވަނީ 12ން 13ށް އިތުރުވެފައެވެ. އަދި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު ވަނީ 75ން 74ށް ދަށްވެފައެވެ.