އިންތިޚާބަކަށް ފަހު އިންތިޚާބެއްގައި ރައްޔިތުން ދަނީ މި ސަރުކާރަށް ނޫނެކޭ ބުނަމުން ކަމަށް ކުުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދަންނަވައިފި އެވެ.
ރައީސް ޞާލިހް މިފަދައިން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސޯބެ ހޯއްދެވި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ރައީސް ޞާލިހް ވިދާޅުވީ، ސޯބެ މަޖިލީހަށް ވަޑައިގަންނަވަނީ ވަރަށް މުހިންމު ވަގުތެއްގައި ކަމަށާއި، އެފަދަ ބޭފުޅުންނަށް މަޖިލިސް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ވަގުތެއްގައި ކަމަށެވެ.
ރައީސް ޞާލިހް ވިދާޅުވީ، އިންތިޚާބަކަށް ފަހު އިންތިޚާބެއްގައި ރައްޔިތުން ދަނީ މި ސަރުކާރަށް ނޫނެކޭ ބުނަމުން ކަމަށެވެ. އެގޮތުން ރައީސް ޞާލިހް ވިދާޅުވީ، މިއީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށާއި، ސޯބެ މަޖިލީހާ ގުޅުންވެގެން ދާނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ލިބިގެންދާނެ އިތުރު ބާރަކަށް ކަމަށެވެ.
ޕޯސްޓު ނިންމަވާ ލައްވަމުން ރައީސް ޞާލިހް ވަނީ ސޯބެ އަށް މަޖިލީހުގައި ކާމިޔާބު ދުވަސްތަކަކަށް އެދޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ހިތަދޫ އުތުރު ދާއިރާގެ މި ބައި-އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121 އަށް އަރާ އިރު، އިންތިޚާބުގައި ވޯޓުލާފައިވަނީ 2730 މީހުންނެވެ. އެއީ 66.2 އިންސައްތައެވެ. ޞައްހަ ވޯޓުގެ ގޮތުގައި 2688 ވޯޓެއް ގުނާފައިވާއިރު ބާތިލުވެފައިވަނީ 42 ވޯޓެވެ.
މިއިންތިޚާބު ސޯބެ ކާމިޔާބުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު މިވަނީ 12ން 13އަށް އިތުރުވެފައެވެ. އަދި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު ވަނީ 75ން 74ށް ދަށްވެފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ ގޮނޑި ކުރިން ތަމްސީލުކުރެއްވި މުހައްމަދު ސިނާން އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ނުދެއްކުމުގެ ސަބަބުން، މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.