ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި، އައްޑޫ ސިޓީ އާއި މާލޭ ސިޓީ ގައި ވޯޓުލީ ހުރިހާ މަރުކަޒެއް ހިޔުމަން ރައިޓް ކޮމިޝަން (އެޗްއާރސީއެމް) އިން އޮބްޒާރވް ކޮށްފިއެވެ.
އިންސާނީ ހައްގުތައް ފޯރުކޮށްދޭ މިންވަރު މޮނިޓަރ ކުރުމަކީ އެކޮމިޝަންގެ ގާނޫނުގެ ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، މި ގާނޫނުގެ 20 ވަނަ މާއްދާއިން ކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަމެކެވެ.
އެގޮތުން، ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ވޯޓެއްތޯ ކަށަވަރު ކުރުމަށް ވޯޓުލުމުގެ ކަންކަން ކުރިޔަށްދިޔަގޮތް އެ ކޮމިޝަނުން ބަލާފައިވާނެކަމަށެވެ.
އެޗްއާރސީއެމް އިން ވަނީ ވޯޓު ނެގުމުގެ ކަންކަން މައިގަނޑުގޮތެއްގައި ކުރިއަށްގޮސްފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކުގައި ކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަން ކުރައްވާފައިވާ މަސައްކަތްތައް ވެސް އެ ކޮމިޝަނުންވަނީ ފާހަގަކުރައްވާފައެވެ.
އަދި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވެ ދެއްވުމުގައި، ދިވެހި ފުލުހުންގެ ހިދުމަތުން އަދާކުރެއްވި ދައުރާއި، ކެނޑިޑޭޓުންނާއި ޕާޓީތަކުން އަދި ވޯޓުގައި ބައިވެރިވެ ވޯޓުދިނުމުގެ ހައްގު އަދާ ކުރެއްވި ހުރިހާ ފަރާތްތަކުން ދިމިޤްރާތީ ރޫހް ކުރިއަރުވައި ދެމެހެއްޓުމަށް ކުރެއްވި މަސައްކަތްތައް ވެސް އެ ކޮމިޝަން އިން ވާނީ ފާހަގަކުރައްވާފައެވެ.