ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، މއ.އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވުމުން ތަޢުޒިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރަޝާދަކީ ޙިކްމަތްތެރި ހިންގުންތެރި ޝަޚްޞިއްޔަތެއް ކަމަށާއި ޤައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖްރިބާކާރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ވިހި އަހަރުކުރިން ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ޚާައްޞަކޮށް ފާހަގަކުރެވޭކަމަށެވެ. އަދި، ދައުލަތަށް ޚިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު ހޯއްދަވައިފައިވާ ކަމަށެވެ.

ފަހުގެ ތާރީޚުގައި ޤައުމު ދުށް މިފަދަ ޚިދުމަތްތެރި، ޚުލްޤު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، އެމަނިކުފާނުގެ ޢާއިލާއަށް، އަދި ޚިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރައީސްވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.