މިހާރުވެސް އާސަންދައިން ރާއްޖޭގައި ފަރުވާ ކުރެވޭ ބަލިތަކަށް، ރާއްޖެއިން ބޭރަށް ދާން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
މުންދު ވަނީ ގެނެވުނު ބަދަލަކީ އެންސްޕާއިން ކުރިން ދެމުން ދިޔަ ވަރަށް ގިނަ ހިދުމަތްތައް އާސަންދައަށް ބަދަލުވެފައިވާ ކަމާއި ޖުމްލަ ގޮތެއްގައި ބަދަލުވީ ސިއްހީ ހިދުމަތާއި ގުޅޭ ކަންތައް ކަމަށެވެ. ކުރީގައި އެންސްޕާއިން ވެސް ސިއްހީ ހިދުމަތާއި ގުޅޭ ބައެއް ހަރަދުތައް ދިން ކަން މުންދު ވަނީ ފާހަގަކުރައްވާފައެވެ.
އެހެން ކަމުން މިއީ އާ ކަމެއް ނޫން ކަމަށް މުންދު ވިދާޅުވިއެވެ. ދެން ހަމައެއާއެކު ސަރުކާރުން ވިސްނުމަކީ އާސަންދައިން އެ ހަރަދު ހަމަޖައްސާކަމަށް ވަންޏާމު، އެ މަސައްކަތަކީ އެންސްޕާގެ ދަށުގައި އޮންނަ މަސައްކަތެއްވުމުގެ ބަދަލުގައި އާސަންދާއިގެ މަސައްކަތަކަށް ވީމަ ކަންތައްތައް މާރަގަޅަށް އެންފޯސް ކުރެވޭނެ ކަމަށް މުންދު ވިދާޅުވިއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި ގަވާއިދު އޮންނަ ގޮތުން، އާސަންދަ އެހީގެ ދަށުން ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ.
"ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު" އަށް ބަދަލު ގެނެސް އަލަށް އިތުރުކުރި މާއްދާގައިވާ ގޮތުން، ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބައެއް ކަންކަމަށް ބެލުމަށްފަހު ބޭރަށް ފޮނުވުމުގެ ހުއްދަ ދެވޭނެއެވެ. އެގޮތުން ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތު، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ބަލިމީހާގެ ވަށައިގެންވާ އެހެނިހެން އިޖުތިމާއީ އަދި ސިއްހީ ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް އެ މާއްދާގައިވެ އެވެ.