އަހަރުގެ މިހާތަނަށް ވައްކަމުގެ 1,492 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.

އެގޮތުން ޖުމްލަ 5،226 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު، 1,492 މައްސަލަ އަކީ ވައްކަމުގެ މައްސަލަތަކެވެ.

މީގެ އިތުރުން ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1,380 އެކްސިޑެންޓް، މަސްތުވާތަކެތީގެ 867 މައްސަލަ، ތަކެތި ގެއްލިގެން 448 މައްސަލަ، މާރާމާރީގެ 289 މައްސަލަ، މުދަލަށް ގެއްލުންދިނުމުގެ 275 މައްސަލަ، ގެވެށި އަނިޔާގެ 154 މައްސަލަ، ހިޔާނާތުގެ 116 މައްސަލަ، ޖިންސީ ކުށްތަކުގެ 108 މައްސަލަ އަދި ފޭރުމުގެ 76 މައްސަލައިގެ އިތުރުން އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ މަހުއެވެ. އެގޮތުން ޖަނަވަރީ މަހު 1,108 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފެބްރުއަރީ މަހު 953 މައްސަލަ ރިޕޯޓްކޮށްފައި ވާއިރު، މާޗު މަހު 966 މައްސަލަ، އޭޕްރީލް މަހު 874 މައްސަލަ އަދި މިދިޔަ މެއި މަހު 1،049 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ދައްކައެވެ. އަދި މި މަހުގެ މިހާތަނަށް 125 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މުޖުތަމައުގައި ހިނގާ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓުތަކާއި، އަދި މިނޫންވެސް އެހެނިހެން މައްސަލަތައް މަދުކުރުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކުން އަންނަނީ އަބަދުވެސް އިރުޝާދު ދެމުންނެވެ. އަދި މިކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ދޭތެރެ ދޭތެރެއިން ދަނީ ހިންގަމުންނެވެ.