މިއަދު ކުރިއށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި މިހާތަނަށް 1080 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ގައި ފަށާފައި ވާއިރު، އީސީން ވަނީ 12:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް އާންމުކޮށްފައެވެ.

އެގޮތުން އެގޮތުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 26.21 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ ތެރޭގައި 529 އަންހެނުންނާއި، 551 ފިރިހެނުން ހިމެނޭ ކަމަށް އީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ވޯޓުނުލާ 3041 މީހުން ވާކަންވެސް އީސީން ވަނީ ފާހަގަކޮށްފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 73.79 އިންސައްތަ އެވެ.

މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121 އަށް އަރާ އިރު، މި އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. އަދި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ދުވަހުގައެވެ.

އެހެންކަމުން މި އިންތިހާބުގައި ވާދަކުރައްވަނީ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވާ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުﷲ ސާދިގެވެ.

އީސީން ބުނީ މި އިންތިހާބު ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށް ކަމަށެވެ.