ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ޖުމްލަ 795 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00ގައި ފަށާފައި ވާއިރު، އީސީން ވަނީ 11:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް އާންމުކޮށްފައެވެ.
އެގޮތުން ވޯޓުލުމުގެ ހައްގު ލިބިގެންވާ ގާތްގަނޑަކަށް 20 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީމީހުންގެ ތެރޭގައި 386 އަންހެނުންނާއި، 409 ފިރިހެނުން ހިމެނޭ ކަމަށް އީސީން މައުލޫމާތުދެއެވެ. އަދި ވޯޓުނުލާ 3326 މީހުން އެބަތިބިކަމަށް ވެސް އީސީން ވަނީ ފާހަގަކޮށްފައެވެ.
މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121 އަށް އަރާ އިރު، މި އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާން އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް ސިނާން ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. އަދި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 12 ގައެވެ.
އެހެންކަމުން މި އިންތިހާބުގައި ވާދަކުރައްވަނީ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވާ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުﷲ ސާދިގެވެ.
އީސީން ބުނީ މި އިންތިހާބު ކުރިއަށްދާނީ ހަވީރު 4:00 ހަމައަށް ކަމަށެވެ.