ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް ފަށައިފިއެވެ.

އޮނިގަނޑަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ފަށާފައި ވަނީ ހުކުރު ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްދާނީ އަތޮޅުތައް ވަކިން ކަމަށެވެ. އެގޮތުން ޖޫން 5 އަދި 6 ގައި އޮޑިޝަން ބުރު ކުރިއަށްދާނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ޖޫން 12 އަދި 13 ގައި ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އއ. ރަސްދޫ އަދި އދ. މަހިބަދޫގައި އޮޑިޝަން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، 19 އަދި 20 ޖޫންގައި ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫގައި އޮޑިޝަން ބުރު އޮންނާނެއެވެ.

ހަމައެހެންމެ 26 އަދި 27 ޖޫންގައި ލ. ފޮނަދޫ، ގއ، ވިލިނގިލި، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ (ހިތަދޫ) އަދި އައްޑޫ މީދޫގައި އޮޑިޝަން ބުރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މާލެ އަތޮޅުގެ ރަށްތަކަށް ބާއްވާ އޮޑިޝަން ބުރު 3 އަދި 4 ޖުލައިގައި މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލެ ސިޓީގެ އޮޑިޝަން ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ޖުލައިން 11 ޖުލައިގެ ނިޔަލަށެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި މުޅި ރާއްޖެއިން 3053 ބައިވެރިން ވަނީ ނަން ހުށަހަޅާފައެވެ.

އޮޑިޝަން ބުރަށްފަހު މާލޭގައި ސެމީ ފައިނަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، 80 އިންސައްތަ އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ.

އަދި މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، 85 އިންސައްތަ އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގަވައިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ފެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެ ކަމަށެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ.

އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ.

މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ އަށްދާ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައި ވެއެވެ.