ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރޭ ރާއްޖެ އަތުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ރޭ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕުގައި 241 ޙައްޖުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ރާއްޖެއިން މި އަހަރު ޙައްޖުވެރިން މައްކާއަށް ގޮސްފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުން ފަށައިގެންނެވެ. އެގޮތުން 4 ތާރީޚެއްގައި ޖުމުލަ 4 ފްލައިޓެއްގައި ހައްޖުވެރިން ވަނީ މައްކާއަށް ދަތުރުކޮށްފައެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހެވެ. ޙައްޖުގެ އަޅުކަމަށް ޙައްޖުވެރިން ތިބީ، މެއި މަހުގެ 24 ވަނަ ދުވަހުން ފަށައިގެން، 29ވަނަ ދުވަހުގެ ނިޔަލަށެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ.

މި މަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނައިރު ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ހައްޖުވެރިންގެ ފަހު ފްލައިޓު ރާއްޖެ އަންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ ނުވަތަ އެއާޕޯޓުގެ ބަސް ބޭނުންކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ގޮސްފައިވެއެވެ.