ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، "ދަ ޕަލްސް"ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް މިއަދު ފަށައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެ ޕޮޑްކާސްޓް ފަރުމާކުރެވިފައި ވަނީ ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފާ ޙިއްޞާކުރެއްވުމާއި، ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ކަމަށެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓް ފަރުމާކުރެވިފައި ވަނީ، ކޮންމެ އެޕިސޯޑެއްވެސް އެއް މައުޟޫޢަކަށް ޚާއްޞަވާ ގޮތަށެވެ. މި ޕޯޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް އިފްތިތާޙުކުރެވުނު ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު، މި އެޕިސޯޑް ޚާއްޞަކޮށްފައި ވަނީ ތިމާވެށީގެ މައުޟޫޢަށެވެ. މި މޭރުމުން، ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިން ފާޅުކުރެއްވި ބައެއް ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތައް، ރައީސް މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.
ރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅިގެން ރައްޔިތުން ހިއްސާކުރި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގައި އަދިވެސް ދަތިތައް ކުރިމަތިވުމާއި، ބިން ހިއްކުން ފަދަ މަޝްރޫޢުތަކުގެ ސަބަބުން ސިނާޢީ ގޮތުން އުނދަގޫތަކާ ކުރިމަތިލާންޖެހުން ފަދަކަންކަން ހިމެނެއެވެ.
މިކަންކަމަށް ރިޢާޔަތްކުރައްވާ، ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ނާޒުކު ފައްތަރެއްގައި އޮތް ޤައުމެއް ކަމަށާ، ނަމަވެސް ދިވެހިރާއްޖެއަކީ ގޮތް ހުސްވެފައި އޮތުމުގެ ބަދަލުގައި، ތިމާވެށީގެ ކަންކަމުގައި ލީޑަރޝިޕްނަގާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައި ވަނީ، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެންކަމުގައި ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ތަރައްޤީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް ކަމަށެވެ.
މި މޭރުމުން އެ މަނިކުފާނުވަނީ ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގައި، ތިމާވެށި ހިމާޔަތްކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތު ފާހަގަކުރައްވާ، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސިޓީތަކާއި ރަށްތައް ފެހިކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން، 5 މިލިއަން ގަސް ޕްރޮގްރާމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވާ، ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާ، އެކަމަށް ހިތްވަރުދެއްވިއެވެ.
މި އެޕިސޯޑް، ރައީސް އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު މެންދުރުފަހު ވަނީ ހިއްސާކޮށްފައެވެ.
ރައީސް އޮފީހުން ބުނީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ ބައި ކުރިއަށް ގެންދަނީ ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށް ކަމަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވީ ވަގުތު ނޫހުގެ ފަރާތުން ޔާމީން މުޙައްމަދެވެ.
މި ފަހަރުގެ މައުޟޫޢުގައި ނޫސްވެރިޔާކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. މި ބަސްދީގަތުމުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމާއި، ޢަމަލީ ގޮތުން އެކަން ތަންފީޒުކުރައްވަމުން ގެންދަވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، "ދަ ޕަލްސް"އަކީ އެ ވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުޟޫޢެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ޚާއްޞަ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.