ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރުސިއެމްއިން މިހެން ބުނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަކީ އިންސާނީ ހައްގުތަކާ ސީދާ ގުޅިފައިވާ ކަމެއް ކަމުގައި ފާހަގަކޮށް އެޗްއާރުސީއެމް އިން ބުނީ، ދިވެހިރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ގައުމަކަށް މިކަމުގެ ހައްސާސްކަން ވަކިން ބޮޑު ކަމަށެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގޮނޑުދޮށް ގިރުމާއި، އަދި މޫސުމީ ބޮޑެތި ހާދިސާތަކުގެ ސަބަބުން އިންސާނީ އަސާސީ ހައްގުތައް ކަމަށްވާ ދިރިހުރުމުގެ ހައްގާއި، ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްގާއި، އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމުގެ ހައްގުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގަށް ސީދާ ގޮތުން އަސަރުކުރަމުންދާ ކަމުގައި އެ ކޮމިޝަނުން ފާހަގަކުރި އެވެ.

އެޗްއާރުސީއެމް އިން ބުނީ ފަރުތަކާއި ކަނޑޫފާތައް ހިމާޔަތްކުރުމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއްގެ އިތުރުން، މިއީ މޫސުމީ ބަދަލުތަކަށް ބަލައި މުޖުތަމައު ރައްކާތެރިކޮށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށެވެ.

މީގެއިތުރުން، ތިމާވެށި ހިމާޔަތްކުރުމުގެ ހައްގުތައް ކަށަވަރުކުރުމަށާއި މޫސުމީ ބަދަލުތަކަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ތިމާވެއްޓާ ގުޅޭ ނިންމުންތައް ނިންމުމުގައި ފަރުދުންނާއި މުޖުތަމައުގެ ބައިވެރިވުން ފަހިކޮށްދޭ އިޖުރާއީ ހައްގުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް އެޗްއާރުސީއެމް އިން ބުނެފައިވެ އެވެ. އެގޮތުން، ތިމާވެއްޓަށް އަސަރުކޮށްފާނެ ފަދަ ނިންމުންތަކާއި، ސިޔާސަތުތަކާއި، އަދި މަޝްރޫއުތައް ރޭވުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަން އެޗްއާރުސީއެމް އިން ފާހަގަކޮށްފައިވެ އެވެ. އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމަށާއި އާމްދަނީ ހޯދުމަށް ސީދާ އަސަރުކުރާއިރު ރާއްޖެފަދަ ގައުމެއްގައި، ކުނި މަދުކުރުމާއި، ހަކަތައާއި ފެން އިގްތިޞާދުކުރުމާއި، ރަށު ފެންވަރުގައި ހިންގޭ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ގޮނޑުދޮށް ސާފުކުރުމާއި ފަރުތައް ހިމާޔަތްކުރުން ފަދަ ހަރަކާތްތަކުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަކީ ފަރުދީ އަދި އިޖުތިމާއީ ޒިންމާ ވަރުގަދަކޮށްދޭނެ ކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ބުނީ، ތިމާވެއްޓާ ގުޅުންހުރި މައުލޫމާތު ހޯދުމާއި، ސްކޫލްތަކާއި، އޮފީސްތަކާއި، އަދި ރަށު ފެންވަރުގައި ހިންގާ ހަރަކާތްތަކުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހްތިޔާރުކުރުމަށް ބާރުއެޅުމުން ތިމާވެށި ހިމާޔަތްކުރުމުގެ ރޫހު އާލާވާނެ ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ މުއައްސަސާތައް ޒިންމާދާރުކުރުވުމާއި، ނިންމުންތައް ނިންމާ މަރުހަލާތަކުގައި ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ނުވަތަ ޖަމިއްޔާ ޖަމާއަތްތަކުގެ ހައިސިއްޔަތުން ބައިވެރިވެ، ތިމާވެށީގެ ހައްގުތައް ހިމާޔަތްކުރުމަށް ބާރުއެޅުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ސަބަބުން، މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ހޯދުމަށާއި، ރައްކާތެރި އަދި ދެމެހެއްޓެނިވި ތިމާވެއްޓެއްގެ ހައްގުގައި ވަކާލާތުކުރުމަށް ފުރުސަތު ލިބިގެންދާ ކަމަށް އެޗްއާރުސީއެމް އިން ވަނީ ބުނެފަ އެވެ. އަދި މިފަދަ މަސައްކަތްތަކެއް އެކުވުމުން، ޒިންމާދާރުކަމާއެކު އެންމެންގެ ބައިވެރިވުން ހިމެނޭ، ނަތީޖާ ނެރެވޭ ފަދަ ސިޔާސަތުތަކެއް އެކުލަވައިލުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.