އަންހެނަކު އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އޭނާގެ ކުރީގެ ފިރިމީހާ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވެ އެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް ހިމެނިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.