ރައްކާތެރި އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށްޓަކައި ތިމާވެށި ހިމާޔަތްކުރަން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރައްކާތެރި އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ، ރާއްޖެއަކީ ތިމާވެށީގެ ނުރައްކާތަކާއި ކުރިމަތިލާންޖެހިފައިވާ ޖަޒީރާ ގައުމަކަށް ވުމުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ޕްރޮޖެކްޓް ސޯލާ ސިޓީ" ފަދަ މުހިންމު މަޝްރޫއުތަކާއެކު އެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކާއި، ކުރިއާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާ ކުރުމުގެ އިތުރުން، މުޖުތަމައުތައް ބައިވެރި ކޮށްގެން ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން، ތިމާވެށީގެ ކާރިސާތަކުގެ ސަބަބުން އިންސާނުންނަށާއި ދިރުންތަކުގެ އިތުރުން ގުދުރަތީ ވަސީލަތްތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމުގައި ފާހަގަކުރައްވައި، އެކަމަށް ހައްލެއް ހޯދުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަހެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވަނީ، "އިންސްޕަޔަޑް ބައި ނޭޗަރ، ފޯ ކްލައިމެޓް، ފޯ އަވަރ ފިއުޗަރ" މި ޝިޔާރެވެ.