ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ މާތް ﷲ ވެރިކަން ދެއްވާފައިވާ ބައެއްގެ އެންމެ އިސް ވާޖިބު ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޙުތުބާގައި ވަނީ އަހަރެމެންނަކީ މާތް ﷲގެ ހެޔޮ ރަޙުމަތްފުޅުން އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ޤަރުނުތަކެއްވަންދެން ދެމިތިބި ބަޔެއް ކަމަށެވެ.
ހުތުބާގައި ވަނީ ވަކީން ޚާއްޞަކޮށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއްކުރަން ޖެހިފައިވާކަން ފާހަގަކޮށްފައެވެ. އަދި މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެން ކަން ހުތުބާގައި ވަނީ ބުނެފައެވެ.
މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށް ޓަކައި ކުރެވޭ މަސައްކަތެކެވެ. މި ކަމުގެ ވަރަށް ރީތި މިސާލެއް ޖައްސަވައި، ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
ހުތުބާގައި ވަނީ ހެޔޮ ކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ތަނބު ކަން ފާހަގަކުރައްވާފައެވެ. އެއީ އެ މަޤުޞަދަކަށް ޓަކައި، އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވުނު މަޤުޞަދު ކަމާއި އެ ކަން ހުއްޓައިލެވި، އެ ކަމާ ބެހޭ ޢިލްމު ނެތިހިނގައްޖެ ނަމަ، ނަބީބޭކަލުން ފޮނުއްވުމުގެ މަޤުޞަދު ގެއްލުނީ ކަމަށް ހުތުބާގައި ބުނެއެވެ. އަދި ދީނުގެ އުޞޫލުތައް ފުނޑުފުނޑުވެ، ރަސޫލުބޭކަލުން ގެނެސްދެއްވި ހިދާޔަތުގެ އަސަރު ފިލައިދާނެ ކަމެކެވެ. އެއިރުން މަގުފުރެދުމާއި ޖާހިލުކަން ފެތުރި، މުޖުތަމަޢުގައި ފަސާދަ ޢާންމުވެ، ރަށްތައް ޚަރާބުވެ، އަޅުތަކުން ހަލާކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.