ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރަން ކުންފުންޏަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޕޭ ލީވާއި ނޯޕޭ ލީވް ދިނުން މަޑުޖައްސާލައިފިއެވެ.

އެ ކުންފުނީގެ ޗީފް ކޮލިޓީ އޮފިސަރު އުސެއިދު ހުސެއިން ސޮއިކޮށް ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކަށް އިއްޔެ ފޮނުވި ސާކިއުލާގައި ބުނީ ފެނަކަ ރައިޓްސައިޒް ކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މުސާރައާއެކު ލިބޭ ޗުއްޓީ އަދި މުސާރަ ނުލިބޭ ގޮތަށް ދޭ ޗުއްޓީ ދިނުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ސާކިއުލާގައި ބުންނެއެވެ.

މީގެ އިތުރުން، އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭ ގޮތަށް ވެސް ވަނީ ހުށަހަޅައިފައެވެ.

އެކަމަށް އެދި ހުށަހަޅަން އިއްޔެއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ. ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އަފީފު މީޑިއާ އަކަށް ވިދާޅުވީ ފެނަކައިގައި 8،000 ވަރަކަށް މުވައްޒަފުން އެބަތިބި ކަމަށާއި އެއީ އެ ކުންފުނީގެ "ރައިޓް ސައިޒް ނޫން" ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ފެނަކައިން އެކި އެކި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ނެގި ގިނަ އަދަދެއްގެ މުވައްޒަފުންގެ ތެރެއިން ވެސް ބައެއް މީހުން ތިބީ ދާއިމީކޮށްފައި ކަމަށެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ކުރަންޖެހޭ ވަކި މަސައްކަތެއް ނެތް ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.