މިދިޔަ އަހަރު ދިވެހިރާއްޖެއިން ބޭރުވި ފައިސާގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު 660.8 މިލިއަން ޑޮލަރަށް އިތުރުވިކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ 2025 ވަނަ އަހަރުގެ އާއްމު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ދިވެހި ދައުލަތުގެ ސެކަންޑަރީ އިންކަމް އެކައުންޓު ނުވަތަ މުގާބިލެއް ނެތި ހިންގާފައިވާ ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެވި ފައިސާއަށްވުރެ އިތުރަށް 653.2 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވެފައިވެ އެވެ.

އެމްއެމްއޭއިން ރާއްޖެއަށް އެތެރެވި ފައިސާއާ އަޅާބަލާއިރު ބޭރުވި ފައިސާ އިތުރުވުމަށް މެދުވެރި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވި ރެމިޓެންސްގެ ފައިސާ ވަރަށް ބޮޑަށް އިތުރުވުމެވެ. އެގޮތުން އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މަސައްކަތްތެރިން ބޭރަށް ފޮނުވި ފައިސާގެ އަދަދު 660.8 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

ރަސްމީކޮށް ރާއްޖޭގައި ރެމިޓެންސް ހިދުމަތްދިނުމަށް ހުއްދަދީފައިވަނީ ތިން ކުންފުންޏަކަށެވެ. އެ ތިން ކުންފުނިން 2025 ގައި ހިދުމަތް ފޯރުކޮށްދިންއިރު އެ ކުންފުނިތަކުގެ ޒަރީއާއިން 167.6 މިލިއަން ޑޮލަރު ޖުމްލަ 139،000 މުއާމަލާތުގެ ތެރެއިން ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އެއީ ކުރީ އަހަރަށްވުރެ އަށް އިންސައްތަ އިތުރު މިންވަރެކެވެ.

ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ މުއާމަލާތްތަކުގެ 94 އިންސައްތައަކީ ބިދޭސީން ހިންގި މުއާމަލާތްތައް ކަމަށް ވާއިރު، ދިިވެހިން ހިންގާފައިވަނީ އެންމެ ހަ އިންސައްތަ މުއާމަލާތްތެވެ. ބިދޭސީން ހެދި ރެމިޓެންސް މުއާމަލާތްތަކުގެ އަދަދު ވަނީ ނިމުނު އަހަރު 89 އިންސައްތައިން އިތުރުވެފަ އެވެ.