އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން 2023 އަދި 2024 ވަނަ އަހަރު ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކުގައި ވާގޮތުން، ކައުންސިލް ތަމްސީލުކުރާ 8 މެމްބަރުންނާއި ކައުންސިލް އިދާރާގެ ދެ މުވައްޒަފުން ހިމެނޭހެންް 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކޮށްފައިވާ ތަޖުރިބާ ދަތުރަށް 515،101 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރައްޔިތުންގެ ފައިސާ ހަރަދުނުކޮށް، އެހެން ގޮތަކަށް އެހީ ހޯދައިގެން މި ދަތުރު ހަމަޖެއްސުމަށް ކައުންސިލުން މަސައްކަތް ކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މިގޮތަށް ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއް ހަރަދުކޮށްފައިވުމުން މާލިއްޔަތުގެ ސަރކިއުލަރގައި އިރުޝާދުދީފައިވާ ގޮތަށް ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ކައުންސިލްގެ އިދާރާއިން އަމަލުކޮށްފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑީޓް ރިޕޯޓުގައި ވާގޮތުން، މި ދަތުރުގައި "ކްރިއޭޓިވް ތިންކިން އެންޑް ޕްރޮބްލެމް ސޯލްވިން ސްކިލްސް" ނަމަކަށް ކިޔާ ޓްރެއިނިންގއެއްގައި ބައިވެރިވެ، އެ ޓްރެއިނިންއަށް 65,381 ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ދަތުރު ރިޕޯޓުގައި ހިމަނާފައިވާ ދަތުރުގެ މަގުސަދާއި ގުޅުންހުރި ޓްރެއިނިންގ އެއް ނޫނެވެ.

އައްޑޫ ސިޓީ ކައުންސިލުން ސިންގަޕޫރުގައި މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ސިންގަޕޫރުގެ މެރިޓައިމް ގެލެރ،ީ ސަސްޓެއިނަބަލް ސިންގަޕޫރު ގެލެރީ އަދި ސިންގަޕޫރު ރީޑިވެލޮޕްމަންޓް ގެލެރީއަށް ޒިޔާރަތްކުރުމުގެ އިތުރަށް ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީ އާއި ބައްދަލުކުރުންކަމަށްވާއިރު، މި ޒިޔާރަތްތަކަކީވެސް ދަތުރުގެ މަގުސަދާއި ސީދާ ގުޅުން އޮތް ޒިޔާރަތްތަކެއް ނޫންކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

މި ދަތުރު ނިންމުމަށްފަހު ދަތުރުން ހާސިލުވިކަންކަން ބޭނުންކުރެވޭނެ ގޮތުގެ ތަފުސީލު ކައުންސިލްގެ އިދާރާއިން ލިޔުމުން ބަލަހައްޓާފައި ނުވާކަންވެސް އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަމްސީލުކުރާ 9 މެމްބަރުންނާއި ކައުންސިލް މެމްބަރެއްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ވަނީ 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ތަޖުރިބާ ހޯދުމުގެ ނަމުގައި ދަތުރެއް ކޮށްފައެވެ. މި ދަތުރަށް 685,509 ރުފިޔާ ހަރަދުކޮށްފައިވާއިރު، މި ހަރަދުވެސް ހަމަޖައްސާފައިވަނީ ރައްޔިތުންގެ ފައިސާއިންކަމަށް ރިޕޯޓުގައިވެ އެވެ. އަދި މި ދަތުރުގައި ބައިވެރިވި ކައުންސިލްގެ މެމްބަރަކާއި ސެކްރެޓަރީ ޖެނެރަލް މި ދަތުރުގައި ކުރިއަށްދިޔަ ޓްރެއިނިންގައި ބައިވެރިވެފައި ނުވިނަމަވެސް، މި ދެ މީހުންގެ ހުރުމާއި ކެއުމުގެ އިތުރަށް ޓިކެޓް ހަރަދަށް ޖުމުލަ 116,286 ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ، ރައްޔިތުންގެ ފައިސާއިން މެލޭޝިޔާ އަދި ސިންގަޕޫރަށް އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ދަތުރުތަކަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ކަމާބެހޭ މުއައްސަސާތަކުން އަންގާފައިވާ އެންގުމާއި ހިލާފަށް ކޮށްފައިވާ ދަތުރުތަކެއް ކަމަށް ފާހަގަކޮށްފަ އެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނެރުއްވާފައިވާ ސާކިއުލައާ އެއްގޮތަށް އަމަލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ކައުންސިލްގެ އިދާރާއިން ކުރާ ދަތުރުތައް ފެށުމުގެ ކުރިން ދަތުރުކުރާ ބޭނުމާއި ދަތުރުން ހާސިލުކުރަން ބޭނުންވާ ކަންތައްތަކާއި އެކަންތައްތަކުގެ ބޭނުން އިދާރާގައި ކުރާނެ ގޮތުގެ ތަފުސީލު ބަލަހައްޓައި ދަތުރު ނިމުމުން ދަތުރުން ހާސިލުވިކަންކަން އޮފީސް މާހައުލުގައި ނުވަތަ އިދާރާގައި ބޭނުންކުރެވެމުންދާ ގޮތް ލިޔުމުން ބެލެހެއްޓުމަށް އެ ރިޕޯޓްގައި ވަނީ ލަފާދީފަވެ.

އައްޑޫ ސިޓީ ކައުންސިލުން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ އިތުރުން، ކައުންސިލްގެ މާލީ ކަންކަމުގައިވެސް ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަން ހާމަވެފައިވާތީ، އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ އަންގާފައެވެ.