ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު"ގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން، ވިނަރެސް ޓަވަރުތަކުގެ އެއްމެދު އިމާތާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ވިނަރެސް ޓަވަރުތަކުގެ މެނޭޖްމެންޓް ކޯޕަރޭޝަން އެކުލަވާލާފައި ވަނީ އެ ޓަވަރުތައް 3 ސްޓްރާޓާ (އެއްމެދު އިމާރާތް) އަކަށް ބަހާލައިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ. އަދި ކޮންމެ ސްޓްރާޓާއަކަށް ވަކި މެނޭޖްމެންޓް ކޯޕަރޭޝަނެއް އުފައްދާފައިވާ ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.

ސްޓްރާޓާ 1 ގައި ހިމެނެނީ ވިނަރެސް ޓަވަރު 1 އިން 4 އަކަށެވެ. އަދި ސްޓްރާޓާ 2 ގައި ވިނަރެސް ޓަވަރު 5 އިން 8 އަށް ހިމަނޭއިރު، ސްޓްރާޓާ 3 އަކީ ވިނަރެސް ޓަވަރު 9 އިން 10 އަށެވެ.

ސްޓްރާޓާ މެނޭޖްމެންޓް ކޯޕަރޭޝަން ހިންގުމަށްޓަކައި، އެ ސްޓްރާޓާތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން އިންތިހާބުކުރާ ކައުންސިލެއް އެކުލަވާލައެވެ. އެގޮތުން ވިނަރެސް ޓަވަރުތަކުގައި ހިމެނޭ 3 ސްޓްރާޓާގެ ކައުންސިލްތައް މިހާރު އިންތިހާބުކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މިއީ، އެއްމެދު އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށްޓަކައި އެކުލަވާލެވިފައިވާ ކޯޕަރޭޝަންތަކެކެވެ.

އެގޮތުން އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތަކާއި މައްސޫލިއްޔަތުތައް އެ ކޯޕަރޭޝަންތަކާއި ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މިކަމުގައި އެ މެނޭޖްމަންޓް ކޯޕަރޭޝަންތަކަށް ބޭނުންވާ އެހީތެރިކަން އެޗްޑީސީން ފޯރުކޮށްދެމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ސަރުކާރުގެ ދެންހުރި އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތަކެއް އެކުލަވާލައި، ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް މެނޭޖްމަންޓް ކައުންސިލުތައް އިންތިހާބު ކުރެވިގެން ދިއުން ކަމަށެވެ.