މި އަހަރުގެ ކުރީކޮޅުން ފެށިގެން، ކޮލޮމްބޯ ޕޯޓުން މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރު ގެނައުމަށް ދިމާވެފައިވާ ދަތިތަތައް މިހާރު ހައްލުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
"ވީނިއުސް" އަށް މައުލޫމާތުދެމުން އެމްޕީއެލްއިން ބުނީ، މި އަހަރުގެ ކުރީކޮޅުން ފެށިގެން، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވެ، ކޮލޮމްބޯ ޕޯޓުން މާލެއަށް ކޮންޓޭނަރ ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ.
އެގޮތުން، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ދަތިތަކެއް އުފެދުނީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގެ އަދަދު އިތުރުވުމުން ކަމަށް އެމްޕީއެލްއިން ބުނެފައިވެ އެވެ. އަދި ބައެއް ބޯޓު ފަހަރުން ކުރިން އެއް ފަހަރާ ގެންނަ އަދަދަށްވުރެ ގިނައިން، ކޮންޓޭނަރު ގެނައުމުގެ ސަބަބުން، ބަނދަރުގެ މުދާ ބޭލުމުގައި ހޭދަވާ ދުވަސްތައް އިތުރުވެގެންދިޔަ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ބަނދަރުގެ ޖާގައިގެ ދަތިތަކަމާ ގުޅިގެން، އުފެދުނު ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވިކަން ފާހަގަކޮށް އެމްޕީއެލްއިން ބުނީ، އެ ކުންފުނީގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލޮމްބޯ ޕޯޓްގައި ނުގެނެވި ހުރި، 4000 އަށްވުރެ ޓީ.އީ،ޔޫ މިހާރު ރާއްޖެ ގެނެސްފައި ވާކަމަށެވެ. އަދި މިހާރު މާލޭ ބަނދަރާއި ކޮލޮމްބޯ ޕޯޓާދެމެދު މުދާ އުފުލާ ބޯޓު ފަހަރުން ކުރަމުންދަނީ "ނޯމަލް ޝެޑިއުލް" ދަތުރުތައް ކަމަށް ވެސް ެރ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި، މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް މި ވަގުތުން ވަގުތަށް ހޯދޭނެ ހައްލުތައް ދެނެގަނެ، ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ.
އެގޮތުން، ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލާއި އެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފަ އެވެ. މިއީ ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުުތު ތަރައްގީކުރާ ސަރަހައްދެއް ކަމަށާއި، ކުންފުނީގެ އަމާޒަކީ މި އަހަރުގެ އޮކްޓޯބަރު މަހަށް މި ސަރަހައްދުގެ މަސައްކަތް ފުރިހަމަކުރުން ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ. އަދި މި މަސައްކަތް ނިމުމުން، އެ ސަރަހައްދުގައި ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ވެސް އަމާޒެއްކަމުގައި އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، އެ ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ހާއްސަ ކުރެވޭ "ސަރވިސް ކީ" އެއްގެ ގޮތުގައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ އެ ކުންފުނީގެ އޮޕަރޭޝަންސްތަކަށް މިހާރު ދިމާވެފައިވާ މައްސަލަތައް ފުރިހަމައަށް ހައްލުކުރެވޭނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ރިލޮކޭޓްކުރެވުމުން ކަމަށާއި، ތިލަފުއްޓަށް ބަނދަރު ރިލޮކޭޓްކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.