މ. ވޭވަށު ކައުންސިލްގެ އާންމު މެންބަރުކަމުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެފައި ވަނިކޮށް، ހައި ކޯޓުގެ ހުކުމާއެކު ނަތީޖާ ބަދަލުވެ ޕީއެންސީގެ ކެންޑިޑޭޓަށް ގޮނޑި ލިބުނު ހުކުމް ބާތިލުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

އީސީން ސުޕްރީމް ކޯޓުގައި މިގޮތަށް އެދުނީ، އެ ކޮމިޝަނާއި ޕީއެންސީގެ ކެންޑިޑޭޓަށް ރައްދުވާ ގޮތަށް އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރީއަތުގައެވެ.

މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ އާންމު މެންބަރު ކަމުގެ ގޮނޑި، ދެ ވޯޓުގެ ތަފާތުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމެވެ. އެގޮތުން އަހްސަނަށް 121 ވޯޓު ލިބުނު އިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބިފައިވަނީ 119 ވޯޓެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ވަނީ އަހްސަނަށް ލިބުނު ތިން ވޯޓެއް ބާތިލުކަމަށް ނިންމާފަ އެވެ. އެއާއެކު އަހްސަންގެ ވޯޓު 118 އަށް މަދުވެ، ނަޒީހަށް ގޮނޑި ލިބުނު ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

މިއަދުގެ ޝަރީއަތުގައި، ހައި ކޯޓުގެ ހުކުމް ބާތިލުކޮށްދޭން އެދި އީސީން ބުނީ، ސުޕްރީމް ކޯޓުން އެދޭނަމަ، ވޯޓު ކަރުދާސްތައް ކޯޓަށް ހުށަހަޅަން ވެސް ތައްޔާރަށް ތިބި ކަމަށެވެ. އަދި މައްސަލަ ހުށަހެޅި، އަހްސަން ނައީމްގެ ފަރާތުން ވެސް ހައިކޯޓުގެ ހުކުމް ބާތިލުކޮށްދޭން އެދިފައި ވާއިރު، ޕީއެންސީގެ ކެންޑިޑޭޓް ނަޒީހުގެ ފަރާތުން އެދުނީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމެވެ. ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ، މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އިއުލާން ކުރައްވާފަ އެވެ.

ވޭވަށު ވޯޓުގެ މައްސަލަ ހައި ކޯޓުން ނިންމެވި އިރު ތިން ފަނޑިޔާރުންގެ މެދުގައި އޮތީ ރައުޔު ތަފާތުވެފަ އެވެ. އެގޮތުން ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް ނިންމެވީ އެ ތިން ވޯޓު ބާތިލު ކުރުމަށެވެ. އަދި މި މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އިބްރާހީމް މާހިރު ވަނީ އިންތިހާބުގެ ނަތީޖާއަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ކުރިން، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އީސީން ވޯޓު އަލުން ގުނި ނަމަވެސް، އޭރު ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.

.