ހުމާއި ރޯގާގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ދުރާލާ ރައްކާތެރިވުމަަށް ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އީދު ބަންދާއި ދިމާކޮށް ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރި މިންވަރު އިތުރުވެފައި ވުމުން މިދުވަސްވަރު އާންމު ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ހުމާއި ރޯގާގެ ކޭސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރުވަމުންދާއިރު، އުތުރުގެ ރަށްތަކުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިތުރުކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިންފުލުއެންޒާގެ ކޭސްތައްވެސް އިތުރުވާތީ ދުރާލާ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ އިރު، ބައްޔެއްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް އެދިފައިވެއެވެ. އަދި ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމާއި، ހުން އައިސް ރޯގާގެ އަލާތްމާތްތައް ހުންނަނަމަ ކުޑަކުދިންނާއި އެހެން މީހުންނާ ދުރުވެ އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަމިއާއެކު އަރިދަފުސް ރޯގާ ހުރިނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކުއެޅުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ޓެސްޓްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.