އެސްއެމްއީ ޑިޖިޓަލްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ކަސްޓަމަރުންނަށް ފެސިލިޓީއަށް ފައިސާ އަނބުރާ ދެއްކުމަށް އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ތައާރަފުކޮށްފިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މިއީ ކުންފުނީގެ ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންނަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް ތައާރަފްކުރާ ހިދުމަތެއް ކަމަށެވެ.

މިއައު ހިދުމަތާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އެކުންފިނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ކަމަށާއި، މި އިންޓަގްރޭޝަންގެ ސަބަބުން، ކަސްޓަމަރުން އަމިއްލައަށް ކުރަންޖެހޭ ކަންކަން މަދުވެ، ކަސްޓަމަރުގެ ބޭންކް އެކައުންޓުން އޮޓޮމެޓިކުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހި، ފައިސާ ދެއްކުމުގެ މަރުހަލާ ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިރީ ކުންފުންޏެއްގެ ގޮތުގައި، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކަށެވެ.

އެގޮތުން އަލަށް ތައާރަފުކުރި އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނާއެކު، ފައިސާ ދައްކަންޖެހޭ ތާރީހުތަކުގައި ކަސްޓަމަރުންގެ ބީއެމްއެލް އެކައުންޓްތަކުން ކަސްޓަމަރުން އިތުރު ކަމެއް ކުރަން ނުޖެހި އަމިއްލައަށް ފައިސާ ކެނޑޭނެއެވެ.

މީގެ އިތުރުން ބޭންކް އެކައުންޓުން އަމިއްލައަށް ފައިސާ ކެނޑޭ ގޮތް ހެދުމުން، އިދާރީ މަސައްކަތްތައް މަދުވެ، ގަޑިއަށް ފައިސާ ދެއްކޭކަން ކަށަވަރުވެގެންދިއުމާއިއެކު، ކަސްޓަމަރުންގެ ކްރެޑިޓް ހިސްޓްރީ ރަނގަޅުވެ ކްރެޑިޓް ރޭޓިން މަތިވާނެއެވެ. މި އިންޓަގްރޭޝަންގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަމުގައި ހޭދަވާ ވަގުތު ސަލާމަތްވެ، ކަސްޓަމަރުންނަށް ވިޔަފާރި ކުރިއެރުވުމަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

މި ނިޒާމު ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މި ހިދުމަތް ލިބޭނީ އިސްލާމިކް ރީފައިނޭންސިން އިނީޝިއޭޓިވްގެ ދަށުން، މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކޮށްފައިވާ ކަސްޓަމަރުންނަށެވެ. އަދި ކުރިއަށް އޮތް މަރުހަލާތަކުގައި އެހެނިހެން ކަސްޓަމަރުންނަށްވެސް މި ހިދުމަތް ފުޅާކުރާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.

އެކުންފުނިން އިތުރަށް ބުނެފައިވަނީ އޮޓޮމޭޓެޑް ރިޕޭމަންޓް އިންޓަގްރޭޝަނަކީ ކަސްޓަމަރުންނަށް އިސްކަންދޭ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ ކުރިއެރުމެއް ކަމަށެވެ.