ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ގެ ސުކޫކްގެ މަގްސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަކީ، ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް އިގްތިސާދީ ކުރިއެރުން ހޯދުމަށް، ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށްގެން، ދިވެހި ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ރާވާފައިވާ މަޝްރޫއެއް ކަމަށެވެ.
މީގެ އިތުރުން އެއީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝްފްލޯގެ ބޭނުންތައް ފުއްދުމަށް ބޭނުންކުރަން ނިންމާފައިވާ ފައިސާއެއް ނޫން ކަން ފާހަގަކުރައްވާ މާލީ ވަޒީރު ވިދާޅުވީ އެކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި މެކްރޯ-ފިސްކަލް ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑު ބާރަކަށް އެސުކޫކު ވެގެންދާނެ ކަމަށެވެ.
މާލީ ވަޒީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެއް ކަމަށެވެ. އެގޮތުން އެއީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާގެ ފުރުސަތުތައް އުފައްދައިގެން، ދައުލަތުގެ މާލީ ހަމަޖެހުމާއި ދަރަނި އަދާކުރުމުގެ ގާބިލުކަން ވަރުގަދަކުރުން ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ހަމަމިއާއެކު ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމަކީ، ސަރުކާރުން ރާވާފައިވާ މާލީ އިސްލާހުތަކާއި އިގްތިސާދީ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރާއި ބަލައިގަތުން ލިބެމުންދާކަމުގެ ހެއްކެއް ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.
ފިޗް ރޭޓިންސްއިން ވަނީ ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން' 'ސީސީ އިން 'ސީސީސީ-'އަށް މަތިކޮށްފައެވެ.