އައްޑޫ ސިޓީގެ މަގުތައް ތަރައްގީކުރުމުގެ ތެރެއިން ފޭދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ބިނާރާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީގެ ލިންކް ރޯޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސްޓޯމްވޯޓާ ސިސްޓަމެއް ގާއިމުކުރާނެ ކަމަށެވެ.
މީގެ އިތުރުން އެ މަޝްރޫއުގެ ތެރެއިން މަގުތައް ތަރައްގީކުރުމަށް ސިމެންޓްރީ ބޭސް އަޅާފައިވާ 67.58 ކިލޯމީޓަރު މަގުތައް ތާރަ ނުވަތަ ގާ އަތުރައިގެން ޒަމާނީ ފެންވަރަަށް ތަރައްގީ ކުރާނެ ކަމަށާއި، 6.63 ކިލޯމީޓަރުގެ ތާރަ މަގުތައް ރީސާފޭސް ކޮށް 0.720 ކޮލޯމީޓަރުގެ ގާ އަތުރާފައިވާ މަގުތައް ތާރައަށް ބަދަލުކޮށް 5.5 ކިލޯމީޓަރުގެ އައު މަގުތައް ހެދޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ޖުމްލަކޮށް މި މަޝްރޫއުގެ ދަށުން 92.7 ކިލޯމީޓަރު މަގު ތަރައްގީ ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ލިންކް ރޯޑްގެ 12.3 ކިލޯމީޓަރުގެ މަގު ހިމެނޭ ކަމަށްވެސް ބުނެއެވެ.
ހަމަމިއާއެކު އީދިގަޅި ކިޅި ސަރަހައްދުން 5.9 ހެކްޓަރުގެ ބިން ހިއްކާ، ލިންކް ރޯޑް ސީދާކޮށް، ކުޑަގެދަރި މަގާ ގުޅުވާލެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިއީ ފަސޭހަ ދަތުރުފަތުރަށާއި، އައްޑޫގެ ކުރިއެރުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.