މަސްވެރިންނަށް ގާއްސަ އަގެއްގައި ދޫކުރާ ތެޔޮ ގދ. ތިނަދޫން މިހާރު ލިބޭނެކަަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ގދ. ތިނަދޫން ތެޔޮ ލިބޭނެ އިނތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާ އެއްގޮތަށް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާއަތަށް ލޮޅުން ނާންނަގޮތަށް ކުރިއަށް ގެންދިއުމެވެ. އެ މަގުސަދުގައި، މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
އެގޮތުން މީގެ ކުރިން މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ 4 ސަރަހައްދަކުން ނަމަވެސް މިހާރު އިތުރު 11 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އެންމެ ފަހުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ގދ. ތިނަދޫންނެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭ ސަރަހައްދުތަކަށް ބަލާލާއިރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ފެލިވަރު، ކ. ހިންމަފުށި، ފ. ނިލަންދު، ދ. ކުޑަހުވަދޫ، ދ. މީދޫ، ގދ. ތިނަދޫ، ގއ. ކޫއްޑޫ، ފުވައްމުލައް ސިޓީ، ސ. ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީ ހިމެނެއެވެ.
ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދާއިރު، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދަނީ ދޫކުރަމުންނެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.