ކޯޓު އަމުރާ އެއްގޮތަށް، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ކުންފުންޏަކަށް ދައްކަންޖެހޭ 16.1 މިލިޔަން ރުފިޔާގެ ދަރަނި ދައްކައި ޚަލާސްކޮށްފިއެވެ.
އެ 16.1 މިލިއަން ރުފިޔާއަކީ ހއ. އުތީމު ނޫރާނީހިޔާ އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން އާރުޑީސީއަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަން ޖެހި ނުދައްކައި އޮތް 16.1 ދަރަންޏެކެވެ. އެއީ 16 އޭޕްރީލް 2024 އާއި ހަމައަށް އެ ފަރާތުން އާރުޑީސީއަށް ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތްތަކަށްވާ ފައިސާ އެވެ.
އެ މުދަލާއި ހިދުމަތްތަކަށް ނުދައްކައި އޮތް 16.1 މިލިޔަން ރުފިޔާ އާއި އިންވޮއިސްތަކާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން، މަދަނީ އިޖުރައަތުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ފެންނަ އިންސާފުވެރި އަދަދެއް ކަނޑައަޅައި ނަގައިދިނުމަށާއި، ގާނޫނީ ވަކީލަށް ހަރަދު ކުރަން ޖެހޭ 1.6 މިލިޔަން ރުފިޔާ ހޯދުމަށް އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން ވަނީ އާރުޑީސީގެ މައްޗަށް ދައުވާކޮށްފަ އެވެ.
އެގޮތުން، އެ ފައިސާ ދައްކަން އާރުޑީސީން އެއްބަސްވި ނަމަވެސް، ފައިސާ ދައްކާނެ މުއްދަތެއް އާރުޑީސީން ހުށަހަޅާފައި ނުވާތީ، އާރުޑީސީން އިއުތިރާފުވި ފައިސާ މި މައްސަލައިގެ ހުކުމް ކުރާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށް އާރުޑިސީއަށް އަންގައި އަމުރުކޮށްދިނުމަށާއި، ގާނޫނީ ވަކީލަށް ހަރަދު ކުރަން ޖެހޭ މިންވަރު ޝަރީއަތުގެ ހަރަދުގެ ގޮތުގައި 1.6 މިލިޔަން ރުފިޔާ ނަގައިދިނުމަށް އަލީ އާތިފް (ނޮވެކްސަ މޯލްޑިވްސް) އިން ކޯޓަށް ހުށަހެޅި އެވެ.
ނަމަވެސް ދެ އަހަރު ވީއިރުވެސް ހުކުމާ އެއްގޮތަށް އާރުޑީސީން ފައިސާ ނުދައްކާ ކަމަށްބުނެ ކޯޓު މެދުވެރިކޮށް ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި އަލީ އާތިފް (ނޮވެކްސާ މޯލްޑިވްސް) ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ، އެ ފައިސާ މިހާރު އާރުޑީސީން ދައްކާފައިވާތީ ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ވެފައިވާ ކަމަށެވެ.