ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގެ 77 ބައިވެރިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ބ. ކިހާދޫގައި ފުރާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ތަމްރީނެއް ކަމަށެވެ.

ރައީސް ވިދާޅުވީ ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗު ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް މިއަދު ފުރާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު 6 ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވަތަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން 63 ބައިވެރިންނަކީ އޭގެ ތެރެއިން ވަކި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ތަމްރީނު ހޯދި ކުދިންނެވެ.

ދާދި ފަހުން ނިންމާލި ވަތަނީ ޚިދުމަތުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުގައި 343 ބައިވެރިން ތަމްރީނު ފުރިހަމަކޮށްފައި ވާއިރު، އޭގެ ތެރެއިން 77 ބައިވެރިޔަކުވަނީ ފަންނީ ޕްރޮގްރާމުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރަން ފަށާފަ އެވެ.