ބައިނަލްއަގުވާމީ ގިނަ ލަގްޒަރީ ބްރޭންޑުގެ ރިސޯޓުތަކެއް މިއަހަރުވެސް ރާއްޖޭގައި ހުޅުވަން ތައްޔާރު ވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ލަފާކުރާގޮތުގައި މި އަހަރަކީ ރާއްޖޭގައި ގިނަ އަދަދަކަށް އައު ރިސޯޓު ހުޅުވައި އޭގެ ސަބަބުން ގިނަ އެނދުތަކެއް މި ސިނާޢަތަށް އިތުރުވާނެ އަހަރެކެވެ.

އެގޮތުން މި އަަހަރުގެ މިހާތަނަށް ލަގްޒަރީ ބްރޭންޑްތައްކަމަށްވާ ކަމަށްވާ މެލިއާ ވޭލް ލެގޫން މޯލްޑިވްސް އަދި ރަށް ގިލި މޯލްޑިވްސް ވަނީ ހުޅުވާފައެވެ. މީގެ އިތުރުންވެސް 6 ރިސޯޓެއް ހުޅުވުމަށް ނަން މަޝްހޫރު އެކި ލަގްޒަރީ ބްރޭންޑުތަކުން ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން މި އަހަރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓުތަކުގެ ތެރޭގައި ބުލްގާރީ ރިސޯޓު ރަންފުށި، މަންޑަރިން އޮރިއެންޓަލް ބޮލިދުއްފަރު ރީފް ރިސޯޓު، މޮންޑޯރިއަން މޯލްޑިވްސް، ދޮން މާގަ މޯލްޑިވްސް، ވާގަލި މޯލްޑިވްސް، ވިނެޓް ކަލެކްޝަން، އަދި އޯރާ މޯލްޑިވްސް ހިމެނެއެވެ.

މި އަހަރުގެ އިތުރުން އަންނަ އަހަރުވެސް ލަގްޒަރީ ބްރޭންޑްތަކެއްގެ ރިސޯޓުތައް ރާއްޖޭގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ އަހަރު ހުޅުވަން ތައްޔާރުވަމުން އަންނަ ބައެއް ރިސޯޓުތަކުގެ ތެރޭގައި ރޯޒްވުޑް ރަންފަރު، ހަޔަޓް ރީޖެންސީ ސަމަރަފުށި މޯލްޑިވްސް، ކަޕެލާ މޯލްޑިވްސް އަދި ބައްކަރަތް ހޮޓެލް އެންޑް ރެސިޑެންސެސް މޯލްޑިވްސް ހިމެނެ އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަަކުން ދައްކާގޮތުގައި ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 179އަށް އަރާފައެވެ. މިއާއެކު މިހާރު ރިސޯޓުތަކުގައި ހުރި ޖުމުލަ އެނދުގެ އަދަދު 44,977 އަށް އިތުރުވެފައި ވާއިރު، އަލަށް ހުޅުވާ ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ކެޕޭސިޓީއަށް ބޮޑު އިތުރުވުމެއް އަންނާނެއެވެ.

އަލަށް ހުޅުވަން ތައްޔާރުވެފައިވާ މި ރިސޯޓުތަކަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޒަމާނީ ވަސީލަތްތައް އެކުލެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނެވެ.

މި އަހަރުގެ މިހާތަނަަށް ރާއްޖެއަށް 941,182 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން 71 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމުލަ 654,206 ފަތުރުވެރިންނެވެ.