މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަނބުރާ އަންނަން ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރުބޮޑުވާނެތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ އާއި ބަހުގެ ހިދުމަތް ބޭނުންކުރަން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހުކުރު ދުވަހުން ފެށިގެން ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނެ ކަމަށެވެ. އެގޮތުން މި މަހުގެ 5، 7، 8 އަދި 9 ވަނަ ދުވަހުވެސް ހައްޖުވެރިން ގޮވައިގެން ފްލައިޓްތައް ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެ ދުވަސްވަރު، ހައްޖުވެރިންނާއި އެ މީހުން ބަލައި އަންނަ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ދަތުރުވެރިން އެއާޕޯޓަށް އަންނާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިކަމުގެ ސަބަބުން އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ ނުވަތަ އެއާޕޯޓުގެ ބަސް ބޭނުންކުރުމަށް އެ ކުންފުނިން އެދިފައިވެ އެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ވަނީ ހައްޖަށް ގޮސްފަ އެވެ.