ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 131 ފުޅި ބަނގުރަލާއި 195 ދަޅު ބިޔަރު އިއްޔެ ނައްތާލާފައިވާ ކަމަށެެވެ.

މި ތަކެއްޗަކީ 2023 އިން ފެށިގެން މި އަހަރުގެ މިހާތަނަށް ދާލު އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެދަށުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.