"ރާރާ ޕްރޯ 2026" ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިފްތިތާޙްކޮށްދެއްވައިފިއެވެ.
ވިޒިޓް މޯލްޑިވްސް އިން މިއަދު ބުނީ ބައިނަލްއަޤްވާމީ ކައިޓްބޯޑިންގ މުބާރާތް "ރާރާ ޕްރޯ" ގެ ދެވަނަ މުބާރާތް ދިއްފުށީގައި ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
ޖޫން 1 އިން 6 އަށް ކުރިއަށްދާ މި މުބާރާތް ރަސްމީކޮށް ހުޅުވާލެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (VMC) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އެވެ. "އައިކޮނިކް އިވެންޓްސް" އިން އިންތިޒާމުކުރާ މި މުބާރާތަކީ ދިވެހިރާއްޖޭގައި މަލްޓި-ޑިސިޕްލިން ކައިޓްބޯޑިންގ ޕްލެޓްފޯމެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ހަރަކާތެކެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި އަހަރުގެ މުބާރާތް ކުރިއަށްދަނީ މީގެ ކުރިން ބޭއްވުނު "ސްލަލޮމް ރޭސިންގ" ފޯމެޓުގެ އިތުރުން "ފްރީސްޓައިލް ކައިޓްބޯޑިންގ" ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި މިއީ ދިވެހި އަދި ބައިނަލްއަގުވާމީ އެތުލީޓުން އެއް ތަނަކުން ބައްދަލުވެ، ވާދަވެރި ހަރަކާތްތަކެއް ފެނިގެންދާނެ ފުރުސަތެއް ކަމަށެވެ. މި ބަދަލަކީ މުބާރާތުގައި ގިނަ ބައިވެރިން ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް މަގުފަހިވެ، މުބާރާތުގެ ފެންވަރު މަތިކޮށް، މި ކުޅިވަރުގެ ތެރެއަށް ގިނަ ބަޔަކު ޝައުގުވެރިކުރުވުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ހާމަކުރެއެވެ.
މި ހަފްލާ ހުޅުވުމުގެ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޢާމިރުގެ އިތުރުން، ކުންފުނިތަކުގެ އިސްވެރިންނާއި، ސްޕޮންސަރުން އަދި ޕާޓްނަރުން ބައިވެރިވެފައި ވެއެވެ. މީގެއިތުރުން، ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާގެ ފާހަގަކޮށްލެވޭ ބޭފުޅުން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، މިއީ ރާއްޖޭގައި ކުޅިވަރު ފަތުރުވެރިކަން (ސްޕޯޓްސް ޓޫރިޒަމް) ކުރިއެރުވުމަށް ލިބެމުންދާ އެއްބާރުލުން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
އައިކޮނިކް އިވެންޓްސް މޯލްޑިވްސް އަކީ ކުޅިވަރާއި، އެޑްވެންޗަރ އަދި ފަތުރުވެރިކަމުގެ ހަރަކާތްތަކަށް ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްކުރާ އިވެންޓް މެނޭޖްމަންޓް ކުންފުންޏެކެވެ. މި ކުންފުންޏަކީ ކުޅިވަރުގެ ފަތުރުވެރިކަމާއި (ސްޕޯޓްސް ޓޫރިޒަމް) ދިވެހިރާއްޖޭގެ ބްރޭންޑް ކުރިއަރުވާ ، ޕްރޮފެޝަނަލް އިވެންޓް ޕްލޭނިންގ، މާކެޓިންގ އަދި އޮޕަރޭޝަނަލް ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ "ރާރާ ޕްރޯ" ފަދަ ޚާއްޞަ ހަރަކާތްތަކުގެ ޒަރީޢާއިން، އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ޚާއްޞަ ދާއިރާތައް ތަރައްޤީކުރުމަށާއި، ދަތުރުފަތުރުގެ ފުރުޞަތުތައް ފުޅާކުރުމަށް މެދުކެނޑުމެއްނެތި އެއްބާރުލުންދެމުން ކަމަށެވެ.
"ރާރާ ޕްރޯ 2026" އަށް، ހާއްސަކޮށް ޒުވާނުންނާއި އެޑްވެންޗަރ ޓްރެވަލް ސެގްމަންޓުން ގިނަ އަދަދެއްގެ ބައިވެރިންނާއި ބެލުންތެރިން ބައިވެރިވުމަށްވަނީ ނިންމާފައެވެ.
މީގެ އިތުރުން، ވިޒިޓް މޯލްޑިވްސް އިން ބުނީ މިއީ ދިއްފުށީގެ ގުދުރަތީ ރީތިކަމާއި، އެ ރަށަކީ ވޯޓަރސްޕޯޓްސް އަދި އައުޓްޑޯ ހަރަކާތްތަކަށް އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި މުބާރާތުގެ ތެރެއިން އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ތަޖުރިބާކާރު އެތުލީޓުންގެ އެއްބާރުލުމާއިއެކީ، ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކައިޓްބޯޑިންގ ކްލިނިކްވެސް މި ހަފުތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މި އިސްނެގުމުގެ ބޭނުމަކީ ހަގު އުމުރުގެ ކުދިންގެ ތެރޭގައި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ކުޅިވަރު ކުރިއެރުވުން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި ހަރަކާތުގެ ތެރެއިން ކުޅިވަރުގެ އަސާސީ ހުނަރުތަކާއި، ސަލާމަތީ ފިޔަވަޅުތަކާއި، އިކުއިޕްމަންޓް ބޭނުންކުރާނެ ގޮތްތަކުގެ މުހިންމު ޤަވާއިދުތަކުގެ މަޢުލޫމާތު ދެވޭނެ ކަމަށެވެ.
މި އަހަރު އަލަށް ތަޢާރަފުކުރެވޭ "ލައިވް ހީޓްސް" އޮންލައިން ލައިވް ސްކޯރިންގ ޕްލެޓްފޯމްގެ ސަބަބުން، ބައިވެރިންނަށާއި ބެލުންތެރިންނަށް ވަގުތުން ނަތީޖާތައް ބަލައިލުމުގެ ފަސޭހަ އިންތިޒާމެއް ލިބިގެންދާނެއެވެ. މި އަހަރުގެ ރައިޑަރުންގެ ލައިނަޕް އެކުލެވިގެންވަނީ ތަފާތު ޢުމުރުފުރާތަކުގެ ޕްރޮފެޝަނަލް ރައިޑަރުން ހިމެނޭހެން، ހުރިހާ ފަންތިއަކަށްވެސް ވާދަކުރެވޭނެ އިންތިޒާމުގެ މައްޗަށެވެ.
ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކުގެ އިތުރުން, މިއަހަރުގެ އިވެންޓްގައި ލައިފްސްޓައިލް އަދި ސަގާފީ ހަރަކާތްތައްވެސް ވަނީ ހިމަނާފައިއެވެ. އެގޮތުން، އާޓް އަދި ފުޑް ސްޓޯލްތަކާއި، އިންޓަރެކްޓިވް ޓްރިވިއާ ގޭމްސްގެ އިތުރުން މޫވީ ނައިޓްސް ހިމެނެއެވެ. މީގެ ސަބަބުން މި އިވެންޓަކީ ހަމައެކަނި މުބާރާތެއްގެ ބަދަލުގައި، ފޯރިގަދަ ފެސްޓިވަލެއްގެ ތަޖުރިބާ ލިބިގެންދާނެ ހަރަކާތަކަށް ވެގެންދާނެއެވެ.
މި އަހަރުގެ އިވެންޓް އެމްބެސެޑަރަކީ ނިމިދިޔަ އަހަރުގެ މުބާރާތުން ތިންވަނަ ހޯދައި، ފާހަގަކޮށްލެވޭ އެތްލީޓު، ވިސާމް މުޙައްމަދު (ތޮއްތޮ) އެވެ. އޭނާ މިއަހަރުގެ ރާރާ ޕްރޯއަށް އެނބުރި އަންނަނީ 12 ރައިޑަރުންގެ ޓީމަކާއެކުގައެވެ.
މި އިވެންޓުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެގޮތެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެއެވެ.
މީގެ އިތުރުން ފަސްޓް އެއިޑްގެ ޚިދުމަތް ދިއްފުށީ ޞިއްޙީ މަރުކަޒުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ލައިފްގާޑް ޓީމެއް ހަރަކާތްތެރިވާނެއެވެ. ހަމައެއާއިއެކު މުބާރާތް ފެށުމުގެ ކުރިން ބައިވެރިންނަށް ސަލާމަތީ އިރުޝާދުތައް ދިނުމަށްޓަކައި، އެތުލީޓުންގެ ޚާއްޞަ ކޮމިޓީއެއްވެސް ވަނީ އެކުލަވައިލާފައެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ "ރާރާ ޕްރޯ 2026" އަކީ ފަތުރުވެރިކަމުގެ ވަކި ހާއްސަ ދާއިރާތައް ކުރިއެރުވުމަށާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ދިވެހިރާއްޖެއަކީ ތަފާތު އެކި ކަހަލަ ތަޖުރިބާތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި ދައްކާލުމަށް ކުރެވެމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތެއް ކަމަށެވެ.