ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ ( މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ، ކުރިއަށް އޮތް 3 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެއެވެ.

މެޓް އިން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 6-3 ފޫޓު ދެމެދުކަމަށް މެޓް އިން ވަނީ ލަފާކޮއްފައެވެ.