މ. ވޭވަށު ކައުންސިލްގެ އާންމު މެންބަރުކަމުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެފައި ވަނިކޮށް، ހައިކޯޓުގެ ހުކުމަކުން އެ ނަތީޖާ ބާތިލުކޮށް ޕީއެންސީގެ ކެންޑިޑޭޓަށް ގޮނޑި ދޭން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ އާންމު މެންބަރު ކަމުގެ ގޮނޑި، ދެ ވޯޓުގެ ތަފާތުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމެވެ. އެގޮތުން އަހްސަނަށް 121 ވޯޓު ލިބުނު އިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބިފައިވަނީ 119 ވޯޓެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ވަނީ އަހްސަނަށް ލިބުނު ތިން ވޯޓެއް ބާތިލުކަމަށް ނިންމާފަ އެވެ. އެއާއެކު އަހްސަންގެ ވޯޓު 118 އަށް މަދުވެ، ނަޒީހަށް ގޮނޑި ލިބުނު ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
މި މައްސަލަ ހައިކޯޓުން ނިންމެވި އިރު ތިން ފަނޑިޔާރުންގެ މެދުގައި އޮތީ ރައުޔު ތަފާތުވެފަ އެވެ. އެގޮތުން ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް ނިންމެވީ އެ ތިން ވޯޓު ބާތިލު ކުރުމަށެވެ. އަދި މި މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު އިބްރާހީމް މާހިރު ވަނީ އިންތިހާބުގެ ނަތީޖާއަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އެމްޑީޕީގެ ފަރާތުންނާއި އަހްސަންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަވެ. އޭގެތެރެއިން ސުޕްރީމް ކޯޓުން މިހާރު ބަލައިގެންފައި ވަނީ އަހްސަން ހުށަހެޅި މައްސަލަ އެވެ.
ވޭވަށު ކައުންސިލްގެ މެންބަރުން މަގާމުގެ ހުވައި ކުރެއްވިއިރު، މައްސަލަ ޖެހިފައިވާ ގޮނޑިއަށް އިންތިހާބުވި ކަމަށް ހައިކޯޓުން ކަނޑައެޅި ކެންޑިޑޭޓު ހުވާކުރައްވާފައެއް ނުވެ އެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އީސީން ވޯޓު އަލުން ގުނި ނަމަވެސް، އޭރު ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.