އ.ދ. ގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ.

އ.ދ. ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި އިންތިޚާބުގައި، މި މަގާމަށް ރާއްޖެ އިންތިޚާބުވީ، އާންމު މަޖިލީހުގެ އިއްތިފާގުންނެވެ.

އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ރާއްޖެ ތަމްސީލު ކުރައްވާނީ ރާއްޖެ އިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން އެވެ.

އ.ދ. ގެ އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެއެވެ.

އ.ދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށްދާނީ 2026 ސެޕްޓެމްބަރ އިން 2027 ސެޕްޓެމްބަރ އަށެވެ.

މި މަގާމަށް ރާއްޖެއިން އިންތިޚާބުވުމުން ހާމަވެގެންދަނީ އ.ދ. ގައި ދިވެހިރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން ކުރާ އިތުބާރެވެ.

އަދި ދިވެހިރާއްޖެ މި މަގާމަށް އިންތިޚާބުވެފައި މިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ބައިނަލްއަޤްވާމީ މައިދާނުގައި ހިމާޔަތްކުރުމަށް ދިވެހިރާއްޖެ އިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިގްތިސާދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" އަކީ އ.ދ. ގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ.

މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްޤީއާއި، އިޤްތިޞާދު ކުރިއެރުމާ ގުޅުންހުރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އ.ދ. ގެ މަސައްކަތްތައް ބައްޓަންކުރުމެވެ.

އަދި ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ބިއުރޯއަށް ލިބިގެންވާއިރު، އާންމުގޮތެއްގައި ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށްދަނީ ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިންނެވެ.