މާލޭ ސިޓީ ގްރޫޕް ހޮސްޕިޓަލްސްއިން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނީ މިމަހުގެ 11 އިން 13 އަށް ކުރިއަށްދާ މިކޭމްޕްގައި ބަލިމީހުން ބަލައި ފަރުވާދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މިކޭމްޕްގައި ފޯރުކޮށްދޭ ޚިދުމަތްތައް:
އޯޕީޑީގައި ބަލި މީހުން ބަލައި ފަރުވާދިނުން
- ފަސޭހަނުވެ ގިނަ ދުވަސްވެފައިވާ ފާރުތަކަށް ޚާއްޞަ ފަރުވާދިނުން
- ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކާއި، އާންމުކޮށް ކަފާލައިގެން ކުރާ އޮޕަރޭޝަންތައް ކުރުން
- ގިނަދުވަސް ވެފައިވާ، ފަސޭހަނުވާ ތަދުތަކަށް ޚާއްޞަ ފަރުވާދިނުން
- ޑޮކްޓަރުންނާއި، ނަރުހުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ދިނުމާ ތަމްރީނު ޕްރޮގްރާމްތައް ހިންގުން
- ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ވަޒަންކޮށް، އެކަމާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުން
މިކޭމްޕުގައި އެކިބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނޭގޮތަށް 10 ޑޮކްޓަރުން ބައިވެރިވާނެއެވެ.
މިކޭމްޕްގައި މާލެސިޓީގެ ހޮސްޕިޓަލްތަކުގަައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި، ސަބް-ސްޕެޝަލިސްޓުންގެ ޓީމަކުން ހަރަކާތްތެރިވާނެއެވެ.
މިކޭމްޕްގައި ހަރަކާތްތެރިވާ ޑޮކްޓަރުން:
އާންމު އަދި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކަށް ޚާއްސަ - ޑރ.އަބްދުﷲ އުބައިދު
- އާންމު އޮޕަރޭޝަންތަކަށް ޚާއްސަ - ޑރ.މުހަންމަދު ޝަރީފު ޢަބްދުލް މަޖީދު
- ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވޫންޑް ކެއާރއަށް ޚާއްސަ - ޑރ.މުހަންމަދު ވަޙީދު
- އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ - ޑރ.އާމިނަތު ނުސްރާ
- އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ޚާއްޞަ - ޖުމައިލަތު ބޭގަމް
- ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ - ޑރ.އިބްރާހިމް މިސްބާޙް
- ގޮހޮރު އަދި ބެރިއޭޓްރިކް އޮޕަރޭޝަންތަކަަށް ޚާއްޞަ - ޑރ.ޢާއިޝަތު އަޒްނާ ޢަލީ
- ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ - ޑރ.މުހަންމަދު ޝިފާން
- ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ - ޑރ.ޢަލީ އާރިފް
- ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކަށް ޚާއްޞަ - ޑރ.އައްސަދު ރަޝީދު
އައިޖީއެމްއެޗުން ބުނީ މިކޭމްޕްގައި ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން 1555އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.