ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން, ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް މިއަދު ހުޅުވާލައިފިއެވެ.
ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ފޮނުވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ ކަމަށެވެ.
އެ މެމޯގައިވާ ގޮތުން މުވައްޒަފުން އެދިގެން އަދާކުރަމުން އަންނަ ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތު ދެނީ އެ ކުންފުނިން މުވައްޒަފުން މަދުކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިންކަމަށް، މެމޯގައި ވަނީ ބުނެފައެވެ.
އެހެންކަމުން އެކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ 15:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެ މެމޯގައި ވަނީ، އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން މީގެ ކުރިން ވަނީ ފެނަކައިގައި މިހާރު ވެސް 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަވެ.
ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާއިރު އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްކުރާ މުވައްޒަފުންނާ އެކަށޭނެ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ މުވައްޒަފުން ތިބޭނެކަމަށާއި އެ ކަންކަން ބަލައި އިސްލާހުކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.