އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތައް ދަފްތަރުކުރުމަށް ބޭނުންކުރާ "ދިރިތި" ޕޯޓަލްގެ ޚިދުމަތްތައް "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ނިންމައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނީ، "ދިރިތި" ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާ "އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ" ހިދުމަތް، މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން "ވަން ގަވް" ޕޯޓަލްއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ބަދަލާ ގުޅިގެން، މާދަމާ މެންދުރުފަހު 14:00 އިން ފެށިގެން "ދިރިތި" ޕޯޓަލްއިން ދެމުންދާ ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށާ، 7 ޖޫން އިން ފެށިގެން މި ޚިދުމަތަށް އެދި ހުށަހަޅަންޖެހޭނީ "ވަން ގަވް" ޕޯޓަލް މެދުވެރިކޮށް ކަމަށް ބުނެފައިވެއެވެ.

އަދި މި މުއްދަތުގެ ތެރޭގައި ދިރިތި ޕޯޓަލްގައި ދަފްތަރުކޮށްފައިވާ ފަރާތްތައް ވަން ގަވް ޕޯޓަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 ނުވަތަ 3034221 އަށް ގުޅުމަށް އެމް.އެފް.ޑީ.އޭ އިން ވަނީ އެދިފައެވެ.