މިހާތަނަށް ހިމަބިހީގެ ޖުމްލަ 11 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަަފްތާގައި ހިމަ ބިހީގެ ދެ ކޭސް ވަނީ މާލެ ސަރަހައްދުން ފެނިފައި ކަމަށެވެ. އެ ގޮތުން މި އަހަރުގެ މިހާތަނަށް ހިމަ ބިހީގެ ޖުމްލަ 11 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިންވަނީ ފެނިފައެވެ.

ހިމަބިހި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މީގެން އެއްވެސް އާލާމަތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައެވެ. އަދި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރި ވެގެން ހުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ހިމަބިހީގެ ކޭސްތައް އިތުރުވާތީ ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.