ރާއްޖެއިން ލިބެންހުރި ފަރުވާއެއް ވިޔަސް، އެ ފަރުވާއެއް ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތަައްްތަކަށް ރިއާޔަތްކޮށް އެ ފަރުވާ ހޯދުމަށްވެސް ރާއްޖެއިން ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި އެވެ.

މީގެ ކުރިން އަމަލުކުރަމުން އައި ގަވާއިދު އޮންނަ ގޮތުން، އާސަންދަ އެހީގެ ދަށުން ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ.

"ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު" އަށް ބަދަލު ގެނެސް އަލަށް އިތުރުކުރި މާއްދާގައިވާ ގޮތުން، ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބައެއް ކަންކަމަށް ބެލުމަށްފަހު ބޭރަށް ފޮނުވުމުގެ ހުއްދަ ދެވޭނެއެވެ. އެގޮތުން ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތު، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ބަލިމީހާގެ ވަށައިގެންވާ އެހެނިހެން އިޖުތިމާއީ އަދި ސިއްހީ ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް އެ މާއްދާގައިވެ އެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން މާލެ އައިސް، މާލެއިން ބޭރަށް ފަރުވާއަށް ގޮސް އެނބުރި އަންނަ މީހުންނަށްވެސް އާސަންދައިގެ އެހީތެރިކަން ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ހާއްސަ ޑޮކްޓަރުން ލަފާދިނުމުން، އެނބުރި ރަށަށް ދިއުމާ ހަމައަށް ހިނގާ ހަރަދުތަކަށްވެސް އާސަންދައިގެ އެހީ ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މި ބަދަލާއެކު، މީގެ ކުރިން އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދެމުން އައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް (ހިއަރިން އެއިޑް، ވީލްޗެއާ ފަދަ ތަކެތި) ގެ ހަރަދުތައް އާސަންދަ ސްކީމުން ނުލިބޭ ކަންކަމުގެ ލިސްޓުން އުނިކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.