މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށައިފިއެވެ.

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފެށި ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޓީސީސީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ޓެކްސީ ލައިން އެޕް މެދުވެރިކޮށް އައިފޯން ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކޮށްލުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. މި އެޕް ޑައުންލޯޑު ކުރުމަށް ކިއުއާރް ކޯޑް ސްކޭން ކޮށްލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ޑައުންލޯޑް ލިންކަށް ޒިޔާރަތްކޮށްލުމުން ފަސޭހަކަމާއެކު ފޯނަށް އެޕް އިންސްޓޯލް ކުރެވޭނެ އެވެ.

މި އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތައް ހޯދުމާއި، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މިގޮތަށް ދުރާލާ ދަތުރުތައް ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއްވެސް މި އެޕްގައި ހިމަނާފައިވާއިރު، އެޕް މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

އެމްޓީސީސީން ބުނީ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށް އަދި "މާލެ ޓެކްސީ" ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލެވިފައިވާނެކަމަށެވެ.