ރާއްޖޭގެ އުތުރުގެ ތިން އަތޮޅުވެސް ވައިގެ މަގުން ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ.

އިޔާސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އެތެރޭގެ އުދުހުންތައް ލުއިފަސޭހަކުރުމަށް ފެއްޓެވި މި މަޝްރޫއުގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅު ގުޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފަހުކޮޅު އުތުރުގެ އެ 3 އަތޮޅު ވައިގެ މަގުން ގުޅާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އިޔާސް ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދެކުނުގެ ދަތުރުފަތުރުގެ ކާމިޔާބީތައް އިޔާސް ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކޮންމެ ދުވަހަކު ގަމުން ފުވައްމުލަކަށް، އަދި ފުވައްމުލަކުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް ދަތުރުތައް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މި އަހަރުގެ ފެބުރުއަރީ 1 އިން ފެށިގެން ދެކުނުގެ 4 އަތޮޅަށް ފެށި ދަތުރުތަކުގައި މިހާތަނަށް 2,900 އަށްވުރެ ގިނަ ފަސިންޖަރުން ހިދުމަތް ހޯދާފައިވާ ކަމަށެވެ.

މި ދަތުރުތައް މިހާރު ކުރިއަށްދަނީ 70 އިންސައްތައަށްވުރެ މަތީގެ ލޯޑު ފެކްޓާއެއްގައިކަން އިޔާސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރަނީ 15 ގޮނޑީގެ ޓްވިންއޮޓާ މަރުކާގެ ބޯޓުތައް ކަމަށް އޭނާ މައުލޫމާތުދެއްވި އެވެ.

މީގެ އިތުރުން ގަމަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތަކާ ގުޅުވައިގެން ބައެއް ދުވަސްދުވަހު ދެ ދަތުރުވެސް ބާއްވާ ކަމަށް އިޔާސް ވަނީ ވިދާޅުވެފައެވެ.