"ބުކިން ޑޮޓް ކޮމް" ގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "ބުކިން ޑޮޓް ކޮމް" ގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށެވެ.
އެގޮތުން އެއީ ރިފަންޑެއް ދޭންވެގެން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިންގ ލިންކެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ ފޭކް ލިންކްގައިވާ މެސެޖުގައި ވަނީ އޮޅުވާލުމެއް އެކުލެވޭ ކުރު ލިންކެއް ކަމަށާއި، އަވަސް ކުރުވުމަށް "24 ގަޑިއިރު ތެރޭގައި" ފުރިހަމަ ކުރަންޖެހޭނެކަމަށް ބުނެ ވިސްނާލަން ވަގުތު ނުދީ ސްކޭމަރުން ބިރުވެރިކަން އުފައްދާފައިވާ ކަމަށް ވެސް އެންޓި ސްކޭމް ސެންޓަރުން ހާމަކުރެއެވެ.
އެ ސެންޓަރުން ބުނީ އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި، އެކްސްޕަޔަރީ ޑޭޓް ނުވަތަ ސީވީވީ ހޯދަން ލިންކެއް ނުފޮނުވާނެ ކަމަށެވެ.
އެހެންކަމުން ރައްކާތެރިވުމަށް ލިންކަށް ނުފިއްތުމަށާއި އޯޓީޕީ އަދި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ ޗެކްކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ.