ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން 370 އެއްހާ އެނދު ޤާއިމުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، ޖަލުތަކަށް ޖާގައިގެ ދަތިކަން ބޮޑުކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށާއި، މިދައުރުގެ ތެރޭގައި ޖާގަ 500 އެނދަށް އިތުރުކުރުމަކީ އަމާޒެއްކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ރާއްޖޭގައި ޖަލުތަކުގައި އެކަށިގެންވާ ގޮތެއްގައި ޤައިދީން ވަކިކޮށްގެން ބެލެހެއްޓޭނެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ޖާގަވެސް ނެތްކަމަށެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންވެސް ބައިތިއްބަންޖެހެނީ އެއްތަނެއްގައިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިގު މުއްދަތުގެ ހުކުމްތައް ތަންފީޒުކުރާ މީހުންނަށް ޚާއްސަ ޖަލު ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ކުށްވެރިން އެކަހެރިކޮށް ބެހެއްޓުމަށްޓަކައި 3 ޖަލު ހުންނައިރު، ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ މައްސަލައެވެ. ޖަލުތަކުގެ ކޮންސެޕްޓަށް ތަރައްޤީކުރެވިގެން ރާއްޖޭގައި ޖަލެއް ޤާއިމުކުރެވުނީ ހަމައެކަނި މާލޭގައެވެ. އެހެންނަމަވެސް ސްކޫލަކާއި އިންވެގެން ހުރުމާއެކު ސަރުކާރުންވަނީ އެޖަލު ހުޅުމާލެއަށް ބަދަލުކޮށްފައެވެ.