ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަަމަ މެޗުގައި އަފްގާނިސްތާން އަތުން ބަލިވެއްޖެ އެވެ.

ޑައިމަންޑް ޖުބިލީ: އަފްގާނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ
ޑައިމަންޑް ޖުބިލީ: އަފްގާނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި އަފްގާނިސްތާނުން ރާއްޖޭގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން އަފްގާނިސްތާން ޓީމުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެ ހާފުގައި ރާއްޖެއަށް ވެސް ބައެއް ފުރުސަތުތައް ލިބުނު ނަމަވެސް އޭގެ ބޭނުން މާ ރަނގަޅަށް ހިފޭ ގޮތެއް ނުވި އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މެޗުގެ ދެވަނަ ހާފު ރާއްޖެއިން ފެށީ އަހްޒަމް ރަޝީދުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކުޅެން އަރުވައިގެންނެވެ. އެއާއެކު ރާއްޖެއިން ކުރީގައި ބޯޅަ ހިފައްހައްޓައި އެޓޭކުތައް ވަރުގަދަ ކުރި އެވެ. އެ ހާފުގައި ކެޕްޓަން ހަމްޒާ މުހައްމަދުގެ ބަދަލުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ކުޅެން ނުކުތް އިރު، ނާއިޒް ހަސަން (ދާދު) އާއި ޒުވާން ތަރި ނައްސާހް އިބްރާހީމް ވެސް ވަނީ ކުޅެން ނުކުމެފަ އެވެ.

ރާއްޖެ އާއި އަފްގާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ވަގުތު ސްޕޯޓްސް

މުޅި މެޗުގައި ވެސް ފަހަތް ވަރުގަދަކޮށް ފެނިގެންދިޔަ ރާއްޖެ ޓީމު ކޮޅަށް އަފްގާނިސްތާނުން ލަނޑު ޖެހީ މެޗުގެ 80 ވަނަ މިނެޓުގަ އެވެ. މިއީ އެ ޓީމުގެ ކުޅުންތެރިން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ތަނަވަސްކުރި ފުރުސަތެއްގައި، އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޯމާން ފާޒީ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށް ފަހު ރާއްޖެއިން ވަނީ އަލީ އަޝްފާގް (ދަގަނޑޭ) ކުޅެން އަރުވާފަ އެވެ. މިއީ އޭނާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެދިން 100 ވަނަ މެޗުކަން ފާހަގަކޮށްލެވެ އެވެ.

ހަތަރު ގައުމަކުން ވާދަކުރާ ޑައިމަންޑް ޖުބިލީ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝާއި ޕާކިސްތާން ބައްދަލުކުރި މެޗު ވަނީ 0-0 އިން އެއްވަރުވެފަ އެވެ.

މުބާރާތުގައި ރާއްޖެއަށް ދެން އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު ޕާކިސްތާނާ ބައްދަލުކުރާ މެޗެވެ. އަދި އެރޭ އަފްގާނިސްތާން ނުކުންނާނީ ބަންގްލަދޭޝް ދެކޮޅަށެވެ.