ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިއަށްގެންދިޔަ "މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ތިންވަނަ ބުރުން 40 އެޕްރެންޓިހުން ދަސްވެނިވެއްޖެއެވެ.
ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން، ވަޒީފާދޭ ފަރާތްތަކާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ މަޝްރޫއެކެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްތަކުގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް އަމަލީ ހުނަރާއި، ދާއިރާގެ ތަޖުރިބާގެ އިތުރުން ގައުމީ ފެންވަރުގައި ބަލައިގަންނަ ސަނަދުތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި މަސައްކަތްތެރިކަމުގެ އަމަލީ ތަމްރީނުތަކުގެ އިތުރުން ކްލާސްރޫމް އަދި އޮންލައިން ކިޔެވުން ހިމެނޭތީ، މިއީ ތައުލީމާއި ވަޒީފާގެ ބާޒާރާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި މެރިއަޓްގެ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ބައިތަކަކުން ތަމްރީނު ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކޮމާޝަލް ކުކަރީ (ކައްކަން ދަސްކޮށްދިނުން)
ފުޑް އެންޑް ބެވަރޭޖް ސަރވިސަސް
ފްރަންޓް އޮފީސް ސަރވިސަސް
ހައުސްކީޕިންގ
ލޯންޑްރީ އޮޕަރޭޝަންސް
އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓެނަންސް
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މިހާތަނަށް ބޭއްވުނު ތިން ބުރުން ޖުމްލަ 114 އެޕްރެންޓިހުން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ ދަސްވެނިވީ ހުރިހާ ކުދިންނަށް މަރުޙަބާ ވިދާޅުވެ، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގައި ހުނަރު ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޠަލާލް ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަކީ އަމަލީ ތަޖުރިބާ އާއި ދާއިރާއަށް ބޭނުންވާ ގާބިލުކަން ފޯރުކޮށްދީ، ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ތަރައްގީއަށާއި ހުނަރު އިތުރުކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރުގެ ވާހަކަފުޅުގައި، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ބައިވެރިވި މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)، ޓްރެއިނަރުން އަދި މެންޓަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހި ހުނަރުވެރިން އުފެއްދުމަށާއި ގައުމީ ފެންވަރުގައި މަސައްކަތްތެރިން ބިނާކުރުމަށް އެފަރާތްތަކުން ދެއްވާ އެއްބާރުލުން ބަލައިގަންނަވާކަމަށް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ކާމިޔާބީ އެންމެ ބޮޑަށް ހާމަވަނީ ކުރީގެ ބުރުތަކުން ދަސްވެނިވި ކުދިންނަށް ވަޒީފާ ލިބިފައިވާ މިންވަރުން ކަމަށެވެ.
އެގޮތުން ފުރަތަމަ ދެ ބުރުން ދަސްވެނިވި 74 ކުދިންގެ ތެރެއިން 71 ކުދިންނަށް މިހާރު ރާއްޖޭގައި ހުރި މެރިއަޓްގެ އެކި ރިސޯޓްތަކުން ދާއިމީ ވަޒީފާ ކަށަވަރުވެފައި ވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.