މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަޝްރޫޢުގެ 1 ވަނަ ފިޔަވަހީގެ ސެގްމެންޓް ދޭއް، ތިނެއް އަދި ސެގްމެންޓް ހަތަރެއްގައި މަސައްކަތްތައް އެއްފަހަރާ ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ވަނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށްފައެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫޢުގެ ދަށުން ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ސައިޑްވޯކް މަސައްކަތްތަކާއި، ޔުޓިލިޓީ ކަނެކްޝަންތަކާއި، ކޭބަލް ޓްރެންޗިން، ކަރބްސްޓޯން، ކެޗްޕިޓް، ޕެނަލް، އަދި އެންކަރ ބްލޮކްގެ މަސައްކަތްތައް ހިމެނޭކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޓީސީސީން ބުނީ މި ހަފްތާގައި 130 މީޓަރަށްވުރެ ބޮޑު ކީ ވޯލް ކެޕިންގ ކޮންކްރީޓް ނިންމުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތާއެކު މަޝްރޫޢުގެ ޖުމްލަ ކުރިއެރުން %75 އަށް އަރާނެ ކަމަށެވެ.

މީގެ އިތުރުން ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް ވެސް ކުރިއަށްދާއިރު، ބާކީ ހުރި ޕަމްޕް ވަޅު ހެދުމުގެ މަސައްކަތް މި މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް) ދުވާރުތައް ހެދުމާއި ރޯޑް މާކިން ކުރެހުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކޮށް ޒަމާނާއި އެއްފަދައިން ފެން ހިންދާ ނިޒާމުވެސް ހަރުކުރާނެއެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ އެ މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ 2025ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

މީގެ އިތުރުން ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިދިޔަ ފެބްރުއަރީ މަސްތެރޭގައެވެ.

ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަޝްރޫޢު ނިމުމުން އެ މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަ ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.