އެސްޓީއޯގެ ޝެޑް ރޭޓުގައި ދ. މީދޫއިން މަސްދޯނިތަކަށް ތެޔޮ ލިބޭނެ އިންތިޒާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ްެއެކްސްގައި ކުރި ޕޯސްޓުގައި ފިޝަރީޒް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން "ފަހި ހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ހުރިހާ މަސްދޯނިފަހަރަކަށް ސަބްސިޑައިޒް އަގުގައި ދ. މީދޫއިން ތެޔޮ ލިބޭނެ ކަމަށެވެ.
މިދިޔަ މެއި މަހު ސަރުކާރުން ވަނީ މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައެވެ.
ދ. މީދޫގައި ފެށި މި ހިދުމަތާއެކު ޖުމްލަ 14 ރަށެއްގައި އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެއެވެ.
މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަޖައްސާފައި ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.
އެ އިންތިޒާމު ހަމަޖައްސާފައިވާ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ފ. ނިލަންދޫ، ކ. ހިންމަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ފުވައްމުލަކު، ހުޅުމީދޫ ހިމެނެއެވެ.
އެ ރަށްތަކުގެ އިތުރުން ހުޅުމާލެ ޖެޓީން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.