ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ، ގައުމު ބާރުވެރިކޮށްދޭ މައިގަނޑު އަސާސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ރައްކާތެރިކުރުން ކަމަށެވެ.

އެގޮތުން އާއިލާތަކުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ބެލެނިވެރިން ވަމުންދާ މަތިވެރި ގުރުބާނީއާއި، ނުގުޑާފަދަ އިޚްލާޞްތެރި މަސައްކަތުގެ އަގު ވަޒަންކުރާ ކަމަށާއި ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށް، ގައުމުގެ ބާރުވެރިކޮށްދޭ މައިގަނޑު އަސާސްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތައުލީމާއި، ޞިއްޙީ ދާއިރާއާއި، އިޖުތިމާޢީ އެކި ޕްރޮގްރާމްތަކުގެ ތެރެއިން އިންވެސްޓްކޮށް، ދިވެހި މުޖުތަމަޢުގެ އެންމެ މުހިންމު ބިންގާ ކަމުގައިވާ އާއިލީ ގުޅުންތައް ދެމެހެއްޓުމަށް މި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގައެވެ.